އަލަށް ހައްޖަށް ދާ މީހުންނަށް އަންނަ އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކެބިނެޓުުގެ މިއަދުގެ ބައްދަލުވުމުގައި އެ މަނިކުފާނު އެގޮތަށް ނިންމެވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެ ބަދަލު ގެންނާނީ އަންނަ އަހަރުން ފެށިގެން ރާއްޖެއިން މީހުން ހައްޖާ ގެންދާއިރު ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ (ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެ މީހެއް) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށެވެ.
ހައްޖަށް ދިއުމަށް ގިނަ ބަޔަކު ކިޔޫގައި ތިބުމުން ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.