ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އަދިވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އެ އެކްސިޑެންޓް ހިނގައިފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. ނަމަވެސް ފަހުން ވަނީ އިތުރުފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން މިދިޔަ ޑިސެންބަރުގެ 29 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އެ ޒުވާނާގެ ހާލަތަަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުން މިއަދު ވަނީ އެ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު ބަޔަކު ހޯދަން ފަށައިފައެވެ. އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތެއް ވާނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން ބަލަމުންދާ އިރު، ޑިސެންބަރުގެ 29 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އަނިޔާވި ޒުވާނާއަކީ ލައިސަންސް ހިފަހައްޓައިފައިވާ ފަރާތެއް ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގުމުގައި ޕޮލިސް ކާރު ދުއްވަންއިން އޮފިސަރުގެ އިހުމާލެއްވޭތޯ ވެސް ބަލަމުންދާ ކަމަށެވެ.