ޚަބަރު

މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލު ކުރަނީ

މުހައްމަދު އިޝާން

މާލެއަށް މިއަދު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެހީއަށް އެދި 400 ކޯލް ލިބުނު ކަމަށެވެ. އެހީއަށް އެދި ގިނަ މީހުން ގުޅައިފައިވަނީ ފެންބޮޑުވުމާ ގުޅިގެން ވެލި ބަސްތާ ޖެހުމަށާއި އެ ނޫން ވެސް އެކި ކަންކަމުގައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ރެޕިޑް އެސެސްމަންޓް ހެދުމަށް ފަހު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ 35 ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ. އަދި މި ގެތަކުގައި ހިމެނޭ މީހުންގެ ތެރެއިން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންން ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ ހަ ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް 7639 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.

އަދި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެގޮތުން ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަގުތަކުން ފެން ހިންދައި އާންމު ހާލަތަށް އަންނަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒާރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން އޮރެންޖް އެލާޓް ނެރެފައެވެ.