ޚަބަރު

އެއާޕޯޓުން މީހުން ގެންނަން މިރޭ 1:00 އަށް އެމްޓީސީސީގެ ބަސް ދަތުރުތައް ބާއްވަނީ

މުހައްމަދު އިޝާން

ބޯކޮށް ވާރޭ ވެހި މާލޭ ސަރަހައްދުގައި ފެންބޮޑުވެފައިވާތީ އާންމު ދަތުރުފަތުރަށް ބުރޫއަރާފައިވާތީ އާއި އެއާޕޯޓަށް ބާރު ބޮޑު ދުވަހަކަށްވާތީ، އެއާޕޯޓުން މީހުން ގެނައުމަށް މިރޭ 01:00 އާ ހަމައަށް ބަސް ދަތުރު ބޭއްވުމަށް ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިރޭ ބުނީ އެއާޕޯޓަށް ބަސް ދަތުރުކުރާ ވަގުތު އިތުރުކުރީ މިއަދަކީ އެއާޕޯޓުގެ ޓްރެފިކް ބޮޑު ދުވަހަކަށް ވެފައި މޫސުން ގޯސްވުމުގެ ގިނަ ބަޔަކު އެއާޕޯޓުގައި ތިބުމުން، އެ މީހުންގެ ދަތުރު ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R3 R4 R9 ގެ ބަސްތައް މިރޭ 1:00 ޖެހުމާ ހަމައަށް އެެއާޕޯޓަށް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަސް ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 1650 އަށް ގުޅަން އެމްޓީސީސީން ވަނީ އެދިފައެވެ.

އެއާޕޯޓަށް މިއަދު ބާރުބޮޑުވެފައިވަނީ ޗުއްޓީއަށް ފަހު ފުރާ މީހުންނާއި އަންނަ މީހުން ގިނަ ވުމާއި ރާއްޖެ އިން އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް އެނބުރި އައުމާ ގުޅިގެންނެވެ.

މޫސުން ގޯސްވެ އެއާޕޯޓުގައި ތިބި މީހުން ތާށިވުމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓު ގާޑުގައި ވެސް ބައެއް މީހުން މިއަދު ވަނީ މާލެއަށާއި ހުޅުމާލެއަށް ގެންގޮސްދީފައެވެ.