މާލެއަށް މިއަދު ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ މާލެއަށް ފާއިތުވި 24 ގަޑިއިރުގެ ތެރެއިގައި 160 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެންމެ ބޯކޮށް ވާރޭ ވެހުނީ ހަވީރު 5-6 ދޭތެރޭގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހަވީރު 5-6 ދޭތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި އެއީ ރެކޯޑް އަދަދެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފައެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން އޮރެންޖް އެލާޓް ނެރެފައެވެ.
އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ ހަ ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތް ކުރަމުން ކަމަށާއި މި މަސައްކަތުގައި މިހާތަނަށް ވަނީ 7639 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
އަދި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެގޮތުން ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަގުތަކުން ފެން ހިންދައި އާންމު ހާލަތަށް އަންނަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒާރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.