ޚަބަރު

ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

މުހައްމަދު އިޝާން

އިންޑިއާ އިން ހަރަދުކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ކުރި ތުހުމަތު އިންޑިއާ ސަރުކާރުން ދޮގުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އިންޑިއާއަށް އެ ތުހުމަތުކުރި ވޮޝިންޓަންސް ޕޯސްޓާއި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާއަކީ އިންޑިއާ މެދު ޒާތީ ހަސަދައެއް ގެންގުޅޭ ފަރާތެއް ކަމަށެވެ.

"އެ ނޫހާއި މި ހަބަރުތައް ލިޔާ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅޭ ހަސަދަވެރިކަމާއި ނަފްރަތު ފެނިގެންދޭ. އެ މީހުން މި ކަންކަން ކުރާ ގޮތުން އެކަމުގެ ހާއްސަ ތަރުތީބެއް ފެންނާނެ،" ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ.

"އެހެންވީމާ، އެ މީހުންގެ އެ މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރުން އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ދޫކޮށްލަނީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެ މީހުން ދައްކާ ވާހަކައިގެ އެއްވެސް އިތުބާރެއް ނެތް،"

ވޮޝިންގްޓަން ޕޯސްޓުން ޝާއިއު ކުރި އެ ރިޕޯޓުގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ޕްލޭންގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިޝަރަކަށް ރިޝްވަތު ދިނުމާއި ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި އިންޑިއާއިން ކަަންބޮޑުވަނީ އިންޑިއާ ކަނޑަށް ޗައިނާގެ ބާރު ގަދަވެދާނެތީއެވެ.

ނޫހުގައި އިތުރަށް ބުނީ، އިންޑިއާއިން ރާއްޖެއާ އެކު އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރާ ކަމަށާއި އެގޮތުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށެވެ.

ވޮޝިންގްޓަން ޕޯސްޓުގެ އެ ރިޕޯޓާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.