ޚަބަރު

ތުއްތުކުދިންނަށް ވެކްސިންދީ ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އަލީ އިހްސާން

ވެކްސިންގެ ޑޯޒްތައް ގައުމީ ވެކްސިން ތާވަލުގައިވާ ގޮތަށް ފުރިހަމަކުރައްވައި، ތުއްތުކުދިންނަށް ދިމާވާ ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ވެކްސިންދީގެން ރައްކާތެރިކުރެވިފައިވާ ބައެއް ބަލިތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާކަމުގެ މައުލޫމާތު ފަހަކަށް އައިސް ލިބެމުންދާ ކަމަށާއި، އޭގެ މައިގަނޑު ސަބަބަކީ އެގައުމުތަކުގައި ވެކްސިން ލިބިގަންނަ ނިސްބަތް ދަށްވުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ވެކްސިން ދީގެން ރައްކާތެރިކަން ލިބޭ ބަލިތަކުގެ ތެރެއިން ޕޯލިއޯ، ކަރުފޮޅު އަދި އިދިފުށަށް ދަމާބަލިން މުޖުތަމައު ރައްކާތެރިކުރެވިފައިވާ މައިގަނޑު ސަބަބަކީ ޅަފަތުގައި ދެވޭ ވެކްސިންތައް ފުރިހަމަކުރެވޭ ނިސްބަތް ރާއްޖޭގައި މަތިވުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އެޗްޕީއޭއިން ބުނީ ގަވާއިދުން ވެކްސިން ދިނުމަކީ ތިމާ އާއި މުޖުތަމައުގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ވަކި ފަރުދަކު ވެކްސިން ނުޖެހުމަށް ނިންމުމަކީ އެހެން މީހުން ބަލީގެ ނުރައްކާތެރިކަމަށް ހުށައަޅައިދޭ ކަމެއްކަމަށެވެ.

ވެކްސިން ނުލިބިތިބޭ ފަރާތްތައް އެފަދަ ބަލިތައް އުޅޭ ގައުމުތަކަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައްއެވެ. އަދި ވެކްސިންއާ ބެހޭގޮތުން އޮޅުންއަރާފަދަ ކަމެއް އޮތްނަމަ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކޮށް އޮޅުން ފިލުވުމަށް އެ އެޖެންސީއިން ވަނީ އެދިފައެވެ.