މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހަތް ރަށެއްގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ،
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި އަދި އުދަ އެރުމުގެ ސަބަބުން ހަތް ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ،
އެގޮތުން އުދަ އަރައިގެން ށ. ނަރުދޫ އާއި ރ. އިނގުރައިދޫގައި ފެންބޮޑުވެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވީ ފ. ނިލަންދޫ އާއި ފ. މަގޫދު އާއި އދ. މާމިގިލި އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫގައި ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ނަރުދުއަށެވެ. އެގޮތުން އެރަށަށް އުދަ އަރައި 12 ގެއަކަށް ވަނީ ފެންވަދެފައެވެ. އަދި އެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މާމިގިލީގެ ބައެއް ގެތަކަށް ފެންވަދެގެން ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ހަތަރު ގަޑި އިރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ބ. އަތޮޅުން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ އެންމެންވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.