މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ މަންޒަރުުތަކެއް ދެއްކި މައްސަލައެއްގައި ސަންގު ޓީވީ އިން ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންގައިފިއެވެ.
ސަންގު ޓީވީ އިން މިމަހު 23 ވަނަ ދުވަހުގެ ރޭ ދެއްކި ''ރޯހާ ފުއްޓަރު'' ޑްރާމާގައި ދެއްކި ކޮންޓެންޓާއި ގުޅިގެން ޖަވާބުދާރީ ވުމަށް އެ ޗެނަލް ހިންގާ ކުންފުނި، ކޮކޯ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އެ ޑްރާމާގެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާއި ހިލާފަށް ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ފެންނަ ކަމަށް އެކޮމިޝަނުން ވަނީ އަންގައިފައެވެ.
ނަމަވެސް އަދި މި މައްސަލައިގައި ސަންގު ޓީވީ އިން ގެނެސްދީފައިވާ ޑްރާމާގެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަޑާ ހިލާފަށް ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެއްޓެއްކަމަށް ނިންމާފައި ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށާއި ގޮތެއް ނިންމާނީ ތަހުގީގަށްފަހު ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ބްރޯޑް ކޮމްއިން ބުނެފައިވަނީ، އަންނަ ޖޫންމަހުގެ 11 ގެ ކުރިން ލިޔުމަކުން މި މައްސަލައާ ގުޅޭ ގޮތުން ޖަވާބު ދާރިވުމަށް ސަންގު ޓީވީއަށް ވަނީ އަންގައިފައެވެ. އަދި އެ މުއްދަތުގައި ސަންގު ޓީވީ އިން ޖަވާބު ދާރީ ނުވެއްޖެނަމަ ނުވަތަ ސަބަބާއެކު ޖަވާބުދާރީ ވުމަށް ދީފައިވާ މުއްދަތު އިތުރު ކުރަން ލިޔުމެއް ހުށަނާޅާނަމަ މިހާރު ހުރި ހެކިތަކުގެ އަލީގައި އެކޮމިޝަނުން މައްސަލަ ނިންމާނެ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ''ރޯހާ ފުއްޓަރު'' ފަދަ ސިލްސިލާކޮށް ކުރިއަށް ގެނދާ ޕްރޮގްތާމުތަކުގައި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަޑާއި އެއްގޮތުގެ މަތީން ކޮންޓެންޓް ގެނައުމަށް ސަމާލުވުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަންގައިފައެވެ.