މި ފެށުނު އާ އަހަރުގައި ފަރުދީ އަޒުމަކަށް ވާންވީ ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިއަށް ނެރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ މި ފެށުނު އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އިލްތިމާސްކުރައްވާ ކަމަށާއި ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގު ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިއަށް ނެރުމެވެ. ސުލްހަ މަސްލަހަތު އިސްކުރުމެވެ. ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިހުތިރާމާއި ކުލުނުވެރިކަމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2025 ވަނަ އަހަރު ހިމެނިގެންދާނީ ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި ކަމަށާއި އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ ކަމަށެވެ.
"ނަތީޖާއަކަށް ވާނީ، އިގުތިސާދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިއުމެވެ. އެއާއެކު، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެއެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއް ކަމަށާއި ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަޒުމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހުލާސްތެރިކަމާއެކު ދެމި އޮވެ، ވައުދުތައް ފުއްދައި، އިތުބާރު ދެމެހެއްޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.