ޚަބަރު

މިއީ ރައްޔިތުން ބާރުވެރިކޮށް، ސިޔާދަތު ކަށަވަރުކުރެވުނު އަހަރެއް: ރައީސް

ފާތިމަތު ލިޔުޝާ

މި އަހަރަކީ ރައްޔިތުން ބާރުވެރިކޮށް ސިޔާދަތު ކަށަވަރުކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

ރައީސްގެ ފޭސްބުކް ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ދުސްތޫރީ އިސްލާހުތައް ގެނައުމުގެ ސަބަބުން މިހާރު މުހިންމު ނިންމުންތަކަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުވެ، ބާރުތައް އަނެއްކާވެސް ރައްޔިތުންގެ އަތްމައްޗަށް ލިބިފައިވާ ކަމަށެވެ.

މިއަހަރުގެ ތެރޭ މި ސަރުކާރުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުން ބޭރުގެ ސިފައިންނަށް ޖާގަ ނެތްކަން ކަށަވަރުވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި، ބޭރުގެ ސިފައިން އެއްވެސް ހައިސިއްޔަތަކުން ރާއްޖޭގެ ބިމުގައި ނުތިބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެވިފައިވާ ކަމަށެވެ.

މި ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން މުހިންމު ނިންމުންތަކެއް ގެނެސް، ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، ރާއްޖޭގެ ވެރިކަން އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ގެނެސްދެއްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގައި ވެސް ރައްޔިތުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.