ޚަބަރު

އަދީބުގެ ފިސްތޯލައިގެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

އިބްރާހިމް ޒަކީ

ފިސްތޯލައެއް ގެންގުނު މައްސަލއެއްގައި، ޓެރަރިޒަމްގެ ދައުވާކޮށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީހު އަބުދުލް ޣަރޫފުގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

މި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިމިވަނީ، ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައި ވަނިކޮށެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން 5 ގައެެވެ.

އެ ދައުވާގައި 2015 ވަނަ އަހަރުގެ މެއިޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ޝަރީއަތުގައި ހެކިން ހެކި ބަސް ދިނެވެ. އޭގެ ފަހުން އަދީބު ދިރިއުޅުނު ރެހެންދި ފްލެޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށް ހެކި ބަސް ދިނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ، އެ މައްސަލައާ ގުޅިގެން އަދީބު ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކޮށްފައިވާއިރު، މީގެކުރިން ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުންތަކުގައި، އެ ހުކުމަކީ ރަނގަޅު ހުކުމެއްނޫންކަމަށް ޕީޖީން ވެސް ވަނީ ފާހަގަ ކޮށްފައެެވެ. އަދީބުވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.

ފިސްތޯލަ ގެންގުޅުމުގެ އިތުރުން، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ވެސް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 15 އަހަރު ދުވަހުގެ ހުކުމެއް އިއްވިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އެ ކޯޓްގެ މައްޗަށް ހައިކޯޓުން މިމަހުގެ ވިހިވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.

ކޮރަޕްޝަނަނާއި ޓެރަރިޒަމްގެ އެތައް ތުހުމަތުތަކެއްކޮށް ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު، މިިހާރު އަދީބު ތަންފީޒު ކުރަންޖެހެނީ އެންމެ ހުކުމެކެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރު ދުވަހުގެ ހުކުމެވެ.