މޫސުން ގޯސްވުމާ ގުޅިގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިއެވެ.
ސްރީލަންކާގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށްއޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މެޓް އޮފީހުން މިއަދު ބުނީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި (ޖެނުއަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އާރެނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ދުވަސްވަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.