ޚަބަރު

އެމްޑަބްލިޔުއެސްސީއަށް 200 މިލިއަން ރުފިޔާ ސަލާމަތްކުރެވި، މާލީގޮތުން ބޮޑު ކުރިއެރުމެއް!

ފާތިމަތު ލިޔުޝާ

މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މިއަހަރު 200 މިލިއަން ރުފިޔާ ސަލާމަތްކުރެވި، މާލީގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މަތީން ވިދާޅުވީ، މިއަހަރަކީ އެއް އަހަރުތެރޭ އެންމެ ބޮޑު ކުރިއެރުން ލިބުން އަހަރަށް ވާނެ ކަމަށާއި އެ ކުރިއެރުމާއި މާލީ މަންފާ ލިބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުންފުނީގެ އެތެރޭގެ ބައެއް ކަހަލަ ކަންކަމަށް ބަދަލު ގެނެސް، ކުންފުނީގެ މުވައްޒަފުންގެ ހިވާގި މަސައްކަތުން ކަމަށެވެ.

"ބައެއް ކަހަލަ އެއް އައިޓަމްތަކަށް ބެލިކަމުގައި ވިޔަސް އަހަރު ފެށުނު އިރުގައި އޭރުގެ އަގުތަކަށްވުރެ ހެޔޮކޮށް އަހަރު ނިމުން އިރުގައި ހޯދިފައި ހުންނާނީ. އޭގެ ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ މި އަހަރުތެރޭގައި ހުންނާނެ ސަލާމަތް ކުރެވިފައި، ހަރަދުތައް ކުޑަކުރެވިފައި. މިދިޔަ އަހަރާ ބަލާއިރު އެހެންވީމަ އެ ހުރިހާ ކަމެއްގެ ތެރެއިން ލާފައި އަޅުގަނޑުމެންނަށް މާލީގޮތުން ބޮޑު ކުރިއެރުމެއް ނިސްބަތުނަ އައި އަހަރަކަށް ވެގެން އެ ދިޔައީ،" އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މިއަހަރު އެމްޑަބްލިޔުއެސްސީ ހިންގުމަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބޮޑެތި ބަދަލުތަކެއް ކަމަށާއި އޭގެތެރެއިން މިއަހަރު ފެށުނު އިރު، އެ ކުންފުނިން އެކި ތަންތަނަށް ދައްކަން ޖެހިފައި ހުރި 400 މިލިއަން ރުފިޔާގެ ބޮޑުބައެއް ވެސް އަދާކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ކުރިން ޑޮލަރު ގަންނަމުން އައި އަގު ދަށްކޮށް، ބޭންކު ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރުމަށް އެއްބަސްވުންތައް ހަދާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ބައެއް ކަހަލަ ކަންކަމުން ބޮޑެތި ޑިޒިޝަންތައް ނެގުނު. މިސާލަކަށް އެކްސްޗޭންޖު ރޭޓު. އެކްސްޗޭންޖު ރޭޓަށް ބަލައި ކަމަށްވަންޏާ މިއަހަރު ފެށުނު އިރުގައި ގާތްގަނޑަކަށް 18.50 އަށް ބްލެކް މާކެޓުން ޑޮލަރު ގަންނަމުން ދިޔައީ. ނަމަވެސް އަޅުގަނޑުމެން އެކަން ހުއްޓާލީ. ހުއްޓާލާފައި އެގްރީމަންޓެއްގެ ދަށުން ބޭންކު ރޭޓުން ނުވަތަ އެއާ ގާތްކުރާ އަދަދަކަށް ގަންނަން ފެށީމަ ވަރަށް ބޮޑު އެއްޗެއް ސޭވް ވެގެންދިޔަ ކަރަންސީ ކޯސްޓުންވެސް،" މަތީން ވިދާޅުވިއެވެ.

އޭގެ އިތުރުން ބޮޑެތި ޕްރޮކިއުމަންޓުގެ ގޮތުގައި ގަންނަން ޖެހޭ ތަކެތި ކުރިން ގަތް އަގަށްވުރެ ހެޔޮކޮށް މިހާރު ގަންނަ ކަމަށާއި ބިޑިންގެ ތެރެއިން ބައެއް ކަހަލަ ތަކެތި ހެޔޮއަގުގައި ހޯދާފައި ހުންނާނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކްސްއަށް ކަނޑާފައި ވަނީ 47.6 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. ތިން ކުއާޓަރު އެއްކޮށް، މިއަހަރު ވަނީ 186.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.