ތ.އަތޮޅަށް ބޯކޮށް ވާރޭވެހި އެއަތޮޅުގެ ބައެއް ރައްތަކުގައި ފެންބޮޑުވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 08:00 ހާއިރުން ފެށިގެން މެދުކެނޑެމެއްނެތި ތ.އަތޮޅަށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އެއަތޮޅުގެ ރަށްތަކުގައި ފެން ބޮޑުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން، ތ.ވޭމަންޑޫ އާއި އެއަތޮޅު ތިމަރަފުށީގައި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގައި ފެން ބޭރު ކުރަން ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުންނާއި އަދި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.
އަދި ތ.ކިނބިދޫގައި ފުލުހުންނާއި އެރަށުގެ ކައުންސިލް ގުޅިގެން ހަތަރު ސަރަހައްދެއްގައި ފެން ބޭރުކުރަން ކޯރު ކަނޑާފައިވާކަމަށާއި، އޮމަދޫގައިވެސް ފެންބޮޑުވެ ފެން ހިންދުމަށް ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ހުރިހާ ރަށެއްގައިވެސް ފެންބޮޑުވެގެން ގޭގެއަށް ފެންވަންނަ ނުދޭން ވެލިބަސްތާ ޖަހައިދިނުމަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަމަށެވެ.