ޚަބަރު

ޖިމީ ކާޓާ އަވަހަރާވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އަލް ކާޓާ ޖޫނިއާ، އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ތައުޒިޔާގެ މެސެޖުގައި އެމެރިކާގެ ކުރީގެ ރައީސް ކާޓާގެ ހަޔާތްޕުޅު ހާއްސަކުރެއްވީ ރިޔާސީ ދައުރުގައިވެސް އަދި ރިޔާސީ ހަޔާތްޕުޅަށް ފަހުގައިވެސް އިންސާނިއްޔަތަށް ހިދުމަތް ކުރެއްވުމަށްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ލީޑަރެއްގެ ގޮތުގައި އަދި އިންސާނީ އެހީތެރިއެއްގެ ގޮތުގައި ރައީސް ކާޓާ ދެއްކެވި ނަމޫނާ، މުޅި ދުނިޔެއަށް މިސާލެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް ކާޓާގެ އާއިލާއާއި އެމެރިކާގެ ސަރުކާރާއި އެމެރިކާގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވަމުން ކަމަށެވެ.

ރައީސް ކާޓާ އަވަރާހަވީ އުމުރުފުޅުން 100 އަހަރުގައެވެ.

އެމެރިކާގެ ރައީސްކަން ކާޓާ ކުރެއްވީ 1977 އިން 1981 އަށެވެ.