ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި އިންޑިއާއިން ރާއްޖޭގެ އަންހެން ޓީމު ކޮޅަށް 14 ގޯލު

1

ރާއްޖެއާއި އިންޑިއާ ގައުމީ އަންހެން ފުޓުބޯޅަ ޓީމާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުރަތަމަ މެޗު، އިންޑިއާއިން 14-0 އިން ކާމިޔާބު ކޮށްފިއެވެ.

ބެންގަލޫރުގެ ޕަޑުކޯން-ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސްގައި މިއަދު ކުޅުނު މެޗަކީ ރާއްޖެއާއި އިންޑިއާ އަންހެން ފުޓުބޯޅަ ޓީމު ވާދަކުރާ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން އެއް މެޗެވެ. ދެން އަނެއް މެޗު އޮންނާނީ ޖެނުއަރީ ދެވަނަ ދުވަހުއެވެ. ހަމަ އެ ދަނޑުގައެވެ.

މީގެ ކުރިން 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ އަންހެން ޓީމު އިންޑިއާ ކައިރިން 15-0 އިން ބަލިވެފައިވާ އިރު، އޭގެފަހުން މިއަދާ ހަމައަށް އިންޑިއާގެ އަންހެން ފުޓުބޯޅަ ވަނީ ބޮޑުތަނުން ކުރި އަރައިފައެވެ. ހާއްސަކޮށް އެގައުމުން ނިމިދިޔަ ސީޒަނުގައިވެސް އަންހެން ފުޓުބޯޅައިގެ ޑޮމެސްޓިކް މުބާރާތެއް ބާއްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއަދުގެ މެޗަށް އިންޑިއާއިން ނުކުތީވެސް އެ މުބާރާތަށް ބަލައި، ނެގި ވަރުގަދަ ސްކޮޑަކާއެކުގައެވެ. މެޗު ފެށިގެން 11 މިނެޓުގައި އިންޑިއާއިން ތިން ގޯލު ޖެހި އިރު، ފުރަތަމަ ހާފު ނިންމާލީ އަށް ގޯލު ޖަހައިގެންނެވެ. އަދި އަނެއް ގޯލުތައް ޖެހީ ދެވަނަ ހާފުގައެވެ.

އިންޑިއާއިން މެޗުގައި ޖެހި ގޯލުތަކުގެ ތެރެއިން ހަތަރު ގޯލު، ލިންޑާ ކޮމް ޖެހި އިރު، ޕިޔާރީ ޒާޒާ ހެޓްރިކް ހެދިއެވެ. ނޭހާއާއި ކާޖަލް ޑި ސޫޒާ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އިންޑިއާގެ އިތުރު ގޯލުތައް ޖެހީ ންގީތާ ބަސްފޯރު، ރަންޖަނާ ޗަނޫ އަދި ރިމްޕާ ހަލްދާރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟