ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ވަގަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުން މިހާރު ސަސްޕެންޑް ކޮށްފައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުންނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ތަފުސީލު ފުލުހުން ނުދިން ނަމަވެސް އެ މީހުންގެ ތެރޭގައި އެޗްޑީސީގެ ބައެއް ވެރީންގެ ޕާސްޕޯޓު ހިމެނޭކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ހަތަރު މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. އެއ އެ ކޮމިޓީގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ބިންވެރިޔާ ހައުސިން ސްކީމް މައްސަލައާ ގުޅިގެން ކުރިން ރާއްޖޭން ބޭރަށް ދަތުރު ކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކޮށް، އޭނާގެ ލަފާފުޅުގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޕާސްޕޯޓް ބާތިލް ކުރި މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށެވެ.
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ވަގަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ވެސް ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް ހިފެހެއްޓީ ކިހާ އަދަދެއްގެ އެއްޗެއްސެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ބިންވެރިޔާ ސްކީމް މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށްފައި ހުންނަވަނިކޮށް މި މަހުގެ 22 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ދެ ދުވަހެއް ފަހުން މި މަހުގެ 24 ވަނަ ދުވަހު ފުލުހުން ވަނީ ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި ފަޒީލްގެ ފޯނު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފައެވެ.