ދަށް ހާލަތެއްގައި އޮތް އެންމެފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ ބަލިކުރި އިރު، އެވަޓަން ބަލިކޮށް ނޮޓިންހަމް ފޮރެސްޓުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
މިދިޔަ ހަތަރު ސީޒަނުގެވެސް ޗެމްޕިއަން ސިޓީ މިވަގުތު ދަށް ހާލަތެއްގައި އޮތް އިރު، އެޓީމުން އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
އެ ހާލަތުގައި އޮވެ ސިޓީން މިރޭގެ މެޗަށް ނުކުތް އިރު، އެޓީމު އޮތީ ހާސްކަމުގައެވެ. ހާއްސަކޮށް ކޯޗު ޕެޕް ގާޑިއޯލާއަށް މިއީ ކެރިއަރުގައިވެސް އެންމެ ދަށް ދުވަސްކޮޅެވެ. ޕްރެޝަރުގައި ހުރެ ގާޑިއޯލާ މިރޭ ނުކުތީ 500 ވަނަ މެޗަށެވެ. އެ މެޗުން ސިޓީ މޮޅުވި ނަމަވެސް އަދި ހަމަޖެހުމެއް ނެތެވެ.
އެޓީމު މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓާއެކުގައެވެ. އެއީ ސިޓީއަށް ބަލައި ދަށް ނަތީޖާއެކެވެ.
ސިޓީއަށް މިރޭގެ މެޗުވެސް ފަސޭހައެއް ނޫނެވެ. އެޓީމު ކައިރިން ލެސްޓާގެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޖޭމީ ވާޑީއާއި ފަކުންޑޯ ބޮނަނޯޓޭ ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބަނަނޯޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ސިޓީ ކައިރިން ލެސްޓާ ރަނގަޅަށް ކުޅެމުން ދަނިކޮށް، އެޓީމުން ގޯލު ޖަހައި ލީޑު ނެގިއެވެ. ސިޓީގެ ގޯލު، 21 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ސަވީނިއޯއެވެ.
އޭގެ އިތުރުން އާލިން ހާލަންޑްގެ ހަމަލާއެއްގެ އިތުރުން ފިލް ފޮޑެންގެ ހަމަލާވެސް ލެސްޓާ ކީޕަރު ޖަކޫބް ސްޓޮލާސްކީ މަތަކުރި އިރު، ސިޓީން މޮޅު ޔަގީންކުރީ ދެވަނަ ހާފުގައި ހާލަންޑް ޖެހި ގޯލުންނެވެ. ސަވީނިއޯގެ ހުރަސް ހާލަންޑް ބޮލުން ގޯލަށް ވައްދަލީ ހުހަށް އޮވެގެންނެވެ.
ނޮޓިންހަމް ފޮރެސްޓުން ތަފާތު ރަނގަޅު ފޯމެއްގައި އޮތް އިރު، މިރޭ ރަށުން ބޭރުގައި އެވަޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ތިން ޕޮއިންޓާއެކު ފޮރެސްޓް ވަނީ ދެވަނައަށް ޖެހިލައިފައެވެ. އެއީ 19 މެޗުން 37 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އާސެނަލަށް 18 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ލިވަޕޫލް އޮތީ 18 މެޗުން 45 ޕޮއިންޓާއެކުގައެވެ.
ފޮރެސްޓުން މިރޭގެ މެޗުގައި ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހީ ކްރިސް ވުޑެވެ. އަދި ދެވަނަ ހާފުގައި ވުޑްގެ ޕާހަކުން ދެވަނަ ގޯލު ޖަހައި ތިން ޕޮއިންޓް ޔަގީންކޮށްދިނީ މޯގަން ގިބްސް-ވައިޓެވެ.
އިތުރު މެޗުތަކަށް ބަލައިލާ އިރު، މިރޭވެސް ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ 2-2 އިން ވުލްވްސް ކައިރިން އެއްވަރުވެގެންނެވެ.