ޚަބަރު

އަލަށް ގެނައި ބަދަލާއެކު ފިނޭންސާއި އިންފްރާސްޓަކްޗާ މިނިސްޓްރީއަށް ދިވެހިން ކިޔާ ނަން ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީއާއި އިންފްރާސްޓަކްޗާ މިނިސްޓްރީއަށް ދިވެހިން ކިޔާ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް ފިނޭންސާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ރައީސް ބަދަލުކުރެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް، ދިވެހި ބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ދިވެހި ބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ބަދަލުތައް ރައީސް ގެންނެވީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރަމުންގެންދިޔަ ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ މަސައްކަތްތަކާއި ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީކުރުމާބެހޭ މަސައްކަތްތަކާއި ގައުމީ ތަރައްގީ ރޭވުމާބެހޭ މަސައްކަތްތަކާއި ތަފާސްހިސާބުގެ މަސައްކަތްތައް ވަނީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފައެވެ. "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"ވެސް ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހާ މަސައްކަތްތަކާއި ސޯޝަލް ހައުސިންއާ ބެހޭ މަސައްކަތްތައް ވަނީ އިންފްރާސްޓަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.