ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހަތަރު ފަރާތަކުން އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށާފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ގޯތިދިން ކަމަށް ތުހުމަތުވާ މައްސަލައިގައެވެ. އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ އަމުރުކުރައްވައިފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމުކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށާއި މައުލޫމާތު ހުށަހެޅުމަށް https://evidence.police.gov.mv އަށް ޒިޔާރަތްކޮށް ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
"މައުލޫމާތާއި ހެކި ހިއްސާކުރައްވާ އިރު، އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެއެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެއެވެ..،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ގޯތި ލިބުނު ކަމުގެ ތުހުމަތު އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މާލޭ ވޯޓާސް އެންޑް ސުވަރޭޖްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ވެސް ހިމެނެއެވެ.
"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިމަހުގެ 18 ގައެވެ. ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ގޯތީގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާއި ގުޅިގެން ފަޒުލްއާއި ފަޒީލުގެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް އޭސީސީން އެދިގެން ވަނީ ހިފަހައްޓައިފައެވެ.
އަދި މިމަހުގެ 23 ވަނަ ދުވަހު ފުލުހުން ވަނީ ފަޒުލްގެ ދިރިއުޅޭ ގެ ކަމަށްވާ މ. ޒޭވަރު ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ސަސްޕެންޑު ކުރިއެވެ. ނަމަވެސް ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުންފުންޏަށް އާ މެނޭޖިން ޑިރެކްޓަރު އައްޔަންކޮށްފައިވާތީ ބޯޑު މެންބަރުންގެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ. ފަޒުލް އިސްތިއުފާދެއްވުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މުހައްމަދު މައުރޫފް ޖަމީލެވެ.
މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދިފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.