މާލޭ އަލިކިލެގެފާނު މަގުގައި އިއްޔެ ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މީހާ އެކަމަށް އިއުތިރާފުވެ، އަންހެން މީހާއަށް ލިބުނު ގެއްލުމުގެ ބަދަލުދޭނެ ކަމަށް ކުރިމިނަލް ކޯޓުގައި ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފިޔަބަރި/ ހަސަން އިސާމް، 30އ. އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 20 ގައެވެ. ހަމަ އެ ދުވަހު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލު ވެސް ޓޯކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން އެ ދުވަހު ބުނެފައިވެއެވެ.
އެފަހަރު ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތުގައެވެ. އެއީ ފަށް ފޭރުނު މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު ދިގު މިނުގައި ދެ އިންޗި ހުރި ވަޅިއެއް ފެނުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހަސަން އިސާމްގެ ބަންދަށްޖެހި ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އޭނާގެ ބަންދު މުރާޖާކުރުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކޮށްފައެވެ. މިފަހަރު ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށް ފޭރުމުގެ މައްސަލާގެ ހެކީގެ ގޮތުގައި ފުލުހުންގެ ބަޔާނާއި ސީސީޓީވީ ވީޑިއޯގެ ސްނެޕްޝޮޓެއް ހުށަހަޅައިފައެވެ.
އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހަސަން އިސާމް ވަނީ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރުނު ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް މިހާރު އެ ފަށް އޭނާގެ އަތުގައި ނެތް ކަމަށާއި މައްސަލައިގައި ގެއްލުން ލިބުނު މީހާއަށް ބަދަލު ދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާއާ ދެކޮޅަށް ފުލުހުން ކޮންމެ ވެސް ވަރަކަށް ހެކި ހުށަހަޅައިފައިވާތީ ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ހަސަން އިސާމް، އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުން އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަންނަން އުޅެފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ފިރިހެނެކެވެ. އޭނާ ހުރީ ހެލްމެޓް އަޅައިގެންނެވެ.
ނަމަވެސް ފަށް ޖަހައިގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން މަގު މެދުގައި ސައިކަލު ބަހައްޓާފައި އަންހެން މީހާގެ އަތުން ފޭރެން މަސައްކަތް ކުރެއެވެ. އެ ވަގުތު ފިރިހެން މީހާގެ ކިބައިން ސަލާމަތްވާން ސައިކަލު މަގުމައްޗަށް ވައްޓާލާފައި އެ ތަނުގެ ކައިރީގައި ހުންނަ ގެއަކަށް އަންހެން މީހާ ވަންނަ ތަން ވީޑިއޯ އިން ފެނެއެވެ.
އަންހެން މީހާގެ ފަހަތުން އެ ގެއަށް ވަންނަން ފިރިހެން މީހާ މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދަށް މީހުން ގިނަވާން ފެށުމުން ފިރިހެން މީހާ ފަހުން ވަނީ ސައިކަލުގައި އެތަނުން ފިލައިފައެވެ. ދައުރުވަމުންދާ ވީޑިއޯގައި ފޭރެން މަސައްކަތް ކުރި މީހާ ހަމަ އެ މަގުން ހެލްމެޓް ނާޅާ ދުއްވާފައިދާތަން ވެސް ފެނެއެވެ.