ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި، ހާލު ސީރިއަސް

ފާތިމަތު ލިޔުޝާ

ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗް މީޑިޔާއިން މިއަދު "ވަން" އަށް ބުނީ ހުޅުމާލޭ ފޭސް ދޭއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް މިހާރު ވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 18 އަހަރުގެ ފިރިހެނަކަށެވެ. އެ އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަކީ ލައިސަންސް ހިފަހައްޓައިފައިވާ ފަރާތެއް ކަމަށާއި އެ ފަރާތުގެ ލައިސަންސް ހިފަހައްޓައިފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެމްބަރު 21 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެކްސިޑެންޓު ހިންގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގު ތެރެއިން ބަލަމުންދާ ކަމަށެވެ.

އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.