ޚަބަރު

މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ އާރުޑީސީއާ ގުޅޭ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މޫކޭ ދިރިއުޅުއްވާ ތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށް ވެސް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވެއެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ފުލުހުން ތަހުގީގުކުރަމުންގެންދާ މައްސަލައަކާ ގުޅިގެން އާރުޑީސީގެ ކުރީގެ އެމްޑީ މޫކާ އަދި ސީއެފްއޯ ޔާސިރު ފުރުން މަނާކުރުމުގެ އަމުރު ނެރެ، އެކަން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސެޕްޓެމްބަރު، 2022، ގައެވެ. މި މައްސަލައަކީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ބުނާ މައްސަލައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާރުޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ ތެރޭގައި އެ ތިން މުވައްޒަފުގެ އިތުރުން ވެސް އާރުޑީސީގެ 15 މުވައްޒަފަކު ހިމެނެއެވެ. އެގޮތުން އެކެއްގެ އެކައުންޓަށް އެކިފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށާއި އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ ފައިސާ ދައުރު ކޮށްފައިވަނީ 2018 އިން ފެށިގެން ސެޕްޓެމްބަރު 2022 އާ ހަމައަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އާރުޑީސީގެ ފައިސާއާ ގުޅޭ މައްސަލައެއްގެ ތުހުމަތަށް މި އަހަރުގެ މާޗު މަހު ފުލުސް އޮފީހަށް ހާޒިރުކުރިއެވެ.