ޚަބަރު

އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފި

އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފިއެވެ.

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި މުދާތަކެއް ގެއްލުނު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި މިއަދު ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށާއި މައްސަލަ ޖެހިގެން އުޅެނީ ގެއެއްގައި ހަދާފައި ހުރި ވެއާހައުސްއެއްގައި ކަމަށެވެ.

"ސަރުކާރުން ވަނީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންނާއި ކަސްޓަމްސް އިން ބަލަމުން އަންނަނީ ކަސްޓަމްސްއަށް އެންގުމެެއް ނެތި ބޮންޑެޑް ވެއާހައުސްއެއް ހިންގަމުން ދިޔަ ތަން ދޫކޮށްލައި އެހެން މަސައްކަތެއް އެ ތަނުގައި ފެށި މައްސަލައެކެވެ.

މިނިސްޓަރު ވިދާޅުވީ، އެ ވެއާހައުސްގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ވެއާ ހައުސްއިން ގެއްލިފައިވަނީ ސިނގިރޭޓު ކޭސްތަކެކެވެ.