ޚަބަރު

މާވެޔޮ މިސްކިތުގެ ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

އިބްރާހިމް ޒަކީ

ހަދަމުންދާ މާވެޔޮ މިސްކިތުގެ ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވީ އެ މިސްކިތް އިމާރާތުގައި މަސައްކަތްކުރަން އުޅުނު ދެ ބިދޭސީއަކަށް ކަމަށެވެ.

މި ދެމީހުންނަށް ފަރުވާދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މިހާދިސާގައި އެ ދެމީހުންނަށް ބޮޑު އަނިޔާއެއް ނުވިނަމަވެސް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، އެތަނުން އެކަކުގެ އިނގިލި ކަފައިގެން ގޮސް އަނެއްމީހާގެ އުނަގަނޑަށް ތަދުވެފައިވާކަމަށެވެ.

ފުލުހުން ބުނީ މިއަދު ހެންދުނު ދިހައެއްޖަހާ އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ، މިހާދިސާ ހިނގީ އެ ދެ ބިދޭސީން ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުުގެ ތެރޭގައެވެ.

މިހާދިސާ ހިނގިއިރު މަސައްކަތުގައި އުޅުނު އެ ދެ ބިދޭސީން ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.