ޚަބަރު

އަނިޔާވީ ލައިސަންސް ހިފަހައްޓައިފައިވާ ޒުވާނަކަށް، ކާރު ދުއްވި ފުލުސް މީހާގެ އިހުމާލެއް އޮތްތޯ ބަލަނީ

މުހައްމަދު އިޝާން

ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަކީ ލައިސަންސް ހިފަހައްޓައިފައިވާ ފަރާތެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ރޭ ދަންވަރު ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ފުލުހުން މިއަދު ބުނީ ރޭ 1:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެެޗްގައި ކަމަށެވެ. ފުލުހުން ބުނީ މިވަގުތު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

"މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެމްބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓައިފައިވާ މީހެކެވެ،" ފުލުހުން ބުންޏެވެ.

"މި އެކްސިޑެންޓު ހިންގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގު ތެރެއިން މި ގެންދަނީ ބަލަމުންނެވެ،"

އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.