މާދަމާގެ ނިޔަލަށް ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ ފޮތެއް މިރޭ ނެރެފިއެވެ.
މިފެށޭ 19 ވަނަ ރައްޔިތުންގެ މަޖލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށުމުގެ ގޮތުން މަޖިލިސް އިދާރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ ފޮތް "18 ވަނަ ރައްޔިތުންގެ މަޖިލިސް" އިފްތިތާހުކޮށްދެއްވީ އެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެވެ.
މިރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވަނީ ރައްޔިތުންގެ މަޖްލީހުގެ އާ ވެބްސައިޓް ވެސް އިފްތިތާހު ކޮށްދެއްވައިފައެވެ.
މިރޭ ބޭއްވި ރަސްމިޔާތުގައި ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި 19 ވަނަ ރައްޔިތުންގެ މަޖްލީހަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވަނީ ރައްޔިތުންގެ މަޖްލީހުގެ އާ ވެބްސައިޓް އިފްތިތާހުކުރުމުގެ އިތުރުން ވެބްސައިޓް ފީޗާތައް ދައްކާލާފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުން މަޖްލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖްލީހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ކުރިއަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި މުއައްޒަފުން ސްކްރީން ކުރުމާއި، މަޖިލީހަށް ގެންނަ ހޭންޑް ބޭގް ފަދަ ތަކެތި ފާސްކުރެވިގެން ދިޔުމުގެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.