ޚަބަރު

ޖުލައި މަހުގެ ތެރޭގައި ކޮމަންވެލްތަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް: ޑރ.ޝަހީދު

އިބްރާހިމް ޒަކީ

އަންނަ ޖުލައި މަހުގެ ތެރޭގައި ކޮމަންވެލްތަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތްކަމަށް، ހިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން، 2016 ވަނަ އަހަރުއެވެ.

އެ ޖަމާއަތާ އަލުން ގުޅުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުޅެކެވެ.

އެހެންކަމުން ރައީސް އިބޫ ސޯލިހު ސަރުކާރާ ހަވާލުވެ ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވާން ހުށަހެޅުއްވިއެވެ. އަދި އެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ޑރ.ޝަހީދު މިރޭ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވެފައިވަނީ، އަންނަ ޖުލައި މަހުގެ ތެރޭގައި ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ ފުރުސަތު ރާއްޖެއަށް އޮތް ނަމަވެސް އެކަން ހަމަޖެހޭނީ، މިފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދާގޮތަކުން ކަމަށެވެ.

އެގޮތުން ބައެއް ގާނޫނު ފާސްކޮށް އަދި ކޯޓުތައް ހަމަޔަކަށް އަޅުވަންޖެހޭ ކަމަށް ޝަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮމަންވެލްތަކީ ޒުވާނުންނަށް ފުރުސަތުތަކެއް ދޭނެ ޖަމިއްޔާއެއްކަމަށެވެ.

އެއާ ގުޅިގެން ޑރ.ޝަހީދު މިރޭ ވިދާޅުވީ، މި ޖުލައިމަހު ލަންޑަނުގައި އޮންނަ ގްލޯބަލް ކޮންފަރެންސް ފޯ މީޑިއާ ފްރީޑަމް އަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"މި ޖުލައި މަހު ރާއްޖެއަށް އޮމަންވެލްތަށް ވަދެވުމުގެ ފުރުސަތު އެބައޮތް. ނަމަވެސް އެކަން ހަމަޖެހޭނީ އާ މަޖިލިސްގެ މަސައްކަތްތައް ދާގޮތަކުން. ބައެއް ގާނޫނު ފާސްކޮށް އަދި ކޯޓުތައް ހަމަޔަކަށް އަޅުވައިގެން. ކޮމަންވެލްތަކީ ޒުވާނުންނަށް ފުރުސަތުތަކެއް ދޭނެ ޖަމިއްޔާއެއް" ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ސަމިޓުގައި، ރާއްޖެ އަލުން އެޖަމާއަތުގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޝާހިދު މިހެން ވިދާޅުވީ ކޮންމެ މާޗު މަހެއްގެ ދެ ވަނަ ހޯމަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަހަރުގެ މާޗްމަހުގެ ދެވަނަ ހޯމަ ދުވަހުއެވެ.