މެންޗެސްޓާ ސިޓީ މިހާރު އޮތް ހާލަތުން އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ހަތަރު ސީޒަނުގައިވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީއަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. އެންމެފަހުން ލީގުގައި ކުޅުނު 8 މެޗުގައި އެޓީމަށް ހޯދިފައި ވަނީ އެންމެ މޮޅެކެވެ. އެއީ ގާޑިއޯލާގެ ކޯޗިން ތާރީހުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ދަށް ރެކޯޑެވެ.
ގިނަ ޕޮއިންޓްތަކެއް ގެއްލުވައިލުމުން ސިޓީ އޮތީ ލީގު ތާވަލުގެ ހަތްވަނައިގަ އެވެ. އެއީ އެއްވަނައިގައި އޮތް ލިވަޕޫލާ 12 ޕޮއިންޓްގެ ފަރަގެއްގައެވެ.
"އަހަރެން ކުރިންވެސް ބުނަން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ބޮޑު ކާމިޔާބީއެކޭ. އެކަމަކު އަހަރެން އެހެން ބުނީމަ ގިނަ ބަޔަކު އެކަމަށް ޖަހަނީ ޖޯކު. އެކަމަކު އެއީ ނުހޯދިދާނެ ކާމިޔާބީއެއްކަން އަހަންނަށް އެނގޭ. އެއީ އިނގިރޭސިވިލާތުގައި އުނދަގޫ ކަމެއް،" ގާޑިއޯލާ ބުންޏެވެ.
ސިޓީން އެންމެފަހުން ކުޅުނު 14 ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ އިރު، އެއީ ތާރީހީ ކާމިޔާބީއެކެވެ. ސިޓީއަށްވުރެ ގިނައިން ޖެހިޖެހިގެން އެންމެ ގިނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެފައި ވަނީ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުންނެވެ. އާސެނަލުން 1988 ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ޗެމްޕިއަންސް ލީގަށް ކޮލިފައިވި އިރު، ޔުނައިޓެޑް ވަނީ 1996 އިން 2014 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެެއް ނެތި ޗެމްޕިއަންސް ލީގުގައި ކުޅެފައެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓާއެކު ޔޫރަޕްގެ އެންމެ ވަރުގަދަ ލީގަށް ފަސް ޖާގަ ލިބޭ އިރު، ޕްރިމިއާ ލީގަށް އަންނަ ސީޒަނަށް ފަސް ޖާގަ ލިބޭނެ ކަމަށް ބެލެވެއެވެ. އެ ގޮތަށް އޮތް ނަމަވެސް ސިޓީ މިހާރު އޮތް މަގާމުން އަދި ކޮލިފައި ވެވޭކަށް ނެތެވެ.
ގާޑިއޯލާ ބުނީ މިދިޔަ އަހަރުތަކުގައި ޔަގީންކަމާއެކު ބުނަން އެނގުނު ނަމަވެސް، މި ސީޒަނުގައި ސިޓީއަށް ޗެމްޕިއަންސް ލީގު ހޯދަން އޮތީ އުނދަގޫ ފުރުސަތެއްކަން ގަބޫލުކުރާ ކަމަށެވެ. އަދި މިހާރުން މިހާރަށް ފޯމު ރަނގަޅ ނުކޮށްފިނަމަ، ދެން އޮތް ވާދަވެރި ކްލަބުތަކުން މަގާމު ހޯދާނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.