ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ އެންގުމަށް، އެމްއެމްޕީއާރްސީން ދޫކުރި ތަންތަނުގެ މުއާމަލާތް ހުއްޓުވައިފި

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން އަންގައިގެން، ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފަތުރުވެރިކަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ، އަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމށް ވަޑައިގެންނެވުމަށްފަހު، ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަގުގީގުކޮށް ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަން އެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އެ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާކަން އެ ކޮމިޝަނުން ޓޫރިޒަމް މިނިިސްޓްރީއަށް އަންގާފައިވާ ކަަށެވެ.

އެހެންކަމުން މިވަގުތު އެރަށްތަކާއި ފަޅުތަކުގެ ވެރިފަރާތް ބަދަލުވުމާއި ހިއްސާ ބަދަލުވާފަދަ މުއާމަލާތެއް ކުރުމަށް ހުއްދަ ދީފިނަމަ ކޮމިޝަންގެ ތަހުގީގަށް ހުރަސްއެޅޭނެކަމަށް ބުނެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހިއްސާ އާއި ވެރިފަރާތް ބަދަލު ކުރުމަށް ހުށަހަޅައިފި ނަމަ އެ މައުލޫމާތު އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމަށްވެސް އެ ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 55 ތަނާބެހޭ އެއްވެސް މުއާމަލާތެއް ޓޫރިޒަމް މިނިސްޓްރީން ނުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ތަންގަނުގެ ތެރޭގައި ހިމެނެނީ، އއ. އަތޮޅުން ދެ ތަނަކާއި، އދ. އަތޮޅުން ހަ ތަނަކާއި، ވ. އަތޮޅުން ހަތަރު ތަނަކާއި، މ. އަތޮޅުން އެއް ތަނާއި، ދ. އަތޮޅުން ދެ ތަނަކާއި، ތ. އަތޮޅުން ތިން ތަނާއި، ގއ އަތޮޅުން އެއް ތަނެވެ. މީގެ އިތުރުން ނ. އަތޮޅުން ތިން ތަނަކާއި، ރ.އަތޮޅުން 11 ތަނަކާއި، ބ. އަތޮޅުން ނުވަ ތަނަކާއި، ޅ. އަތޮޅުން އެއް ތަނާއި މާލެ އަތޮޅުން 11 ފަޅާއި އެއް ރަށާއެކު 12 ތަނެއްވެސް އޭރު ދޫކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެއެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ފައިސާއިން 1.3 ބިލިއަން ރުފިޔާގެ ހިޔާނާތެއް ވެފައިވާކަން ވަނީ ހާމަވެފައެވެ.