ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން 11 އަހަރުގެ ފާތިމަތު ދީމާ އަލީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ދީމާ އާއި ދީމާގެ އާއިލާއަށް ހިއްވަރު ދެއްވައިފައެވެ. އަދި ޓޭބަލް ޓޭނިސްގެ ދާއިރާއިން ކުރިއެރުމާއި އިތުރު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ޓޭބަލް ޓެނިހުން ދީމާ ރާއްޖެއަށް ރިހިމެޑަލް ހޯދައިދީފައި ވަނީ ތައިލެންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުންނެވެ. މިއީ އޭޝިޔާގެ މުބާރާތަކުން ޓޭބަލް ޓެނިހުން ރާއްޖެއަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ރީޖަނަލް ހޯޕްސް ޗެލެންޖް( ސައުތު އޭޝިއަން ) 2018 އިން ދީމާ ވަނީ ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ.
ބޭރުގެ އެކިއެކި މުބާރާތްތަކުން ފަހުރުވެރި ވަނަތައް ރާއްޖެއަށް ހޯދައިދިމުގެ އިތުރުން ފާތިމަތު ދީމާ އަލީ އަކީ މިހާރުވެސް ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ.