އަންނަ ހޯމަ ދުވަހަކީ ސަރުކާރުގެ ރަސްމީ ދުވަހެއް ނަމަވެސް އެދުވަހު ސްކޫލްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް ތަރުޖަމާނު މައުލޫމާތު ދީފައިވާ ގޮތުގައި ވޯޓާ ގުޅިގެން އަންނަ އާދީއްތަ ސަރުކާރު ބަންދު ނަމަވެސް، ހޯމަ ދުވަހަކީ ސަރުކާރު ހުޅުވާ ދުވަހެއް ކަމަށެވެ. އެހެން ނަމަވެސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެތީ އެދުވަހު ސްކޫލްތައް ބަންދުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ގިނަ ވޯޓު ފޮށިތަކެއް އެކިއެކި ސްކޫލްތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު، އިންތިހާބާ ދިމާކޮށް ސްކޫލްތަކުގައި ވޯޓުލުމުގެ މަރުކަޒުތައް ގާއިމް ކުރެވޭނެއެވެ. އަދި އާދީއްތަ ދުވަހުގެ ރޭ ވޯޓު ގުނާ، ހޯމަ ދުވަހާ ހަމައަށް ސްކޫލްތައް ކިޔަވައިދިނުމަށް ތައްޔާރުކުރުމަކީ ވެސް އުނދަގޫވާނެ ކަމެއް ކަމަށް ބެލެވެއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބައެއް މީޑިއާތަކަށް ބުނެފައިވަނީ ހޯމަ ދުވަހަކީ ސްކޫލްތައް ބަންދު ދުވަހެއް ކަމަށް އޭރު ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ނިންމެވުމާއެކު ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން މިހާރު ބަންދުވާނެއެވެ.
އަންނަ އާދީއްތަ ދުވަހު ރިޔާސީ އިންތިހާބު އޮންނަ އިރު، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 472 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަަނީ ނިންމައިފައެވެ.