ޚަބަރު

ޖެނިފާއަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދިނުން ހައިކޯޓުން ހުއްޓުވައިފި

މުހައްމަދު އިޝާން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ކަމުން ވަކިކުރި މ. ޏަމްޏަމްގެ އައިޝަތު ޖެނިފާ، އަލުން އެ މަގާމަށް އައްޔަން ކުރުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޖެނިފާއަށް ނަގައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން، ދައުލަތުގެ މައްޗަށްކުރި އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ،

ޖެނީފާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުންކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ ނޮވެމްބަރުމަހުގެ ތެރޭ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ޓްރައިބިއުނަލުން އެ އަމުރު ކޮށްފައިވަނީ އޮކްޓޫބަރު 26 ގަ އެވެ.

ދައުލަތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައާ ގުޅިގެން އެ ކޯޓުން އިއްޔެ ވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ކޮށްފައެވެ.

ހައިކޯޓުންކުރި އެ އަމުރުގައި ބުނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އައިލެންޑް އެވިއޭޝަނުން އެދިފައިވާ ސަބަބުތަކަށް ބަލާއިރު، އެ ފަރާތުން އެދިފައިވާ ކަންކަމަށް މިހާރުން މިހާރަށް ގޮތެއް ނުނިންމައިފިނަމަ، ހައިކޯޓަށް ހުށަހަޅައިފައިވާ ޓްރައިބިއުނަލްގެ ނިންމުމުގެ މައްސަލައިގެ ކުރާ ހުކުމުގެ މަގުސަދު ހާސިލުނުވެދާނެ ކަމަށެވެ.

އެހެންވެ ޓްރައިބިއުނަލްގެ މައްސަލަ އިސްތިއުނާފު ކުރުމުން، ބަލަމުން އަންނަ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން ނުވަތަ އެހެންގޮތެއް އަންގަންދެން، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އަމުރެ ނެރެފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު ހަސަން ޝަފީއު (ރިޔާސަތު) އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިއްތިފާގުންނެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަން ކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 25 ޑިސެމްބަރު 2018 ގައެވެ.

ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް، 28 ޑިސެމްބަރު 2023 ގައި ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ޖެނިފާ ވަޒީފާއިން ވަކިކުރަން ނިންމައި، ތިނެއް ޖެނުއަރީ 2024 ގައި އޭނާ ވަޒީފާއީން ވަކި ކުރިއެވެ.

ނަމަވެސް އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖެނިފާގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

ޓްރައިބިއުނަލްގައި އޭނާ އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމާ އެކު، ވަޒީފާއިން ވަކި ކުރަން ބޯޑުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި ވަޒީފާއިން ވަކިކުރިކަން އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށް، ނެރެފައިވާ ޗިޓަކީ ބާތިލު ޗިޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި ޓްރައިބިއުނަލުން މައްސަލަ ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އޭނާ ވަޒީފާއަށް އަނބުރާ އިއާދަ ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތުގައި، ވަޒިފާގައި ދެމިހުރި ނަމަ ލިބޭނެ އެންމެހައި މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތަކާއި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުން ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ އާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ގާނޫނީ ވަކީލުން އައްޔަން ކުރުމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި ކުރިއަށްގެންދިއުމަށް ހިނގާފައިވާ ހަރަދުތަކަކީ އައިލެންޑް އޭވިއޭޝަނުން ޒިންމާވާން ޖެހޭ ހަރަދުތަކެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އައިލެންޑް އޭވިއޭޝަނުން އަދުލުވެރި ބަދަލެއް ނަގައިދިނުމާ އެކު، މައްސަލަ ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެ ބަދަލު އޭނާއަށް ދިނުމަށް އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ޖެނިފާ ވަޒީފާއިން ވަކިކޮށްފައި ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަ ކުރާފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބުރަ ނުވެވޭތީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަ ކުރުމަށާއި ޖެނީފާއަކީ ވަޒީފާއިން ވަކި ވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތަށް ޖެނީފާ ވަޒީފާގައި ދެމިހުރި ނަމަ ހައްގުވާނެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ވެސް ކަނޑައަޅާފައިވެއެވެ.

ޖެނީފާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބުރަވެވޭތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ވަޒީފާއިން ވަކިކުރި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ 57،171 ރުފިޔާގެ ނިސްބަތުން އެއް މަސް ދުވަހަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ހުރިހާ ކަމެއް ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.