ލައިސަންސް ބާތިލް ކުރުމަށްފަހު، ހިންގުމުގެ ހުއްދަދިން ހަ ރިސޯޓުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓްރ އަލީ ވަހީދު ވިދާޅުވީ، އަނބުރާ ލައިސަންސް ދިން ހަ ރިސޯޓުން ދައުލަތަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވާއިދަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އެގޮތުން ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް ފައިސާ ދައްކަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ލައިސަންސް ބާތިލް ކުރުމަށްފަހު، ހިންގުމުގެ ހުއްދަދިން ހަ ރިސޯޓަކީ، ފިލިތެޔޮ ރިސޯޓާއި، މެދުފުށި އައިލެންޑް ރިސޯޓާއި، ހޮނޑާފުށި އައިލެންޑް ރިސޯޓާއި، ޑްރިފްޓް ތެލު ވެލިގާ ރީޓްރީޓް އާއި، ކިހާ މޯލްޑިވްސް އާއި، ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ ރިސޯޓެވެ.
މި ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ފިލިތެޔޮ ރިސޯޓުންނެވެ.
އެރިސޯޓުން ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 8.12 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
މީގެ އިތުރުން މެދުފުށި އައިލެންޑް ރިސޯޓުން 4.2 މިލިއަން ޑޮލަރު، ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާއިން 3.8 މިލިއަން ޑޮލަރު، ކިހާ މޯލްޑިވްސް ތިން މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.
ހޮނޑާފުށި އައިލެންޑް ރިސޯޓުން ހަތަރު ލައްކަ ޑޮލަރު ދައްކަން ޖެހޭއިރު ޑްރިފްޓް ތެލު ވެލިގާ ރީޓްރީޓުން ދައްކަން ޖެހެނީ ތިން ލައްކަ ޑޮލަރު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ހަ ރިސޯޓުގެ އިތުރުން ވެލިދޫ އައިލެންޑް ރިސޯޓުގެ ހިއްސާދާރުންގެ މެދުގައި ހުރި ކަންކަން ހައްލު ކުރުމަށް ފަހު އެރިސޯޓުގެ ލައިސަންސް އާކުރަން ނިންމާފައިވާ ކަމަށެވެ.
މިރިސޯޓުތަކުގެ މައުލޫމާތު އާންމު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެ މައުލޫމާތު އާންމުކުރީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި، އެއްވެސް ނުފޫޒެއް ނެތްކަމުގެ ޔަގީންކަން އެރުވުމަށް ކަމަށެވެ. އަދި ރިސޯޓުތަކަށް ދީފައިވާ މުއްދަތު ހަމަވުމާއެކު ވަކި މީހަކަށް ބެލުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.