ޚަބަރު

"ކުރިންވެސް ފަހުންވެސް ގޯތި މައްސަލައިގައި ކަންކުރީ ބޭއިންސާފުން، މިފަހަރު ތަފާތަކީ މައްސަލަ ބަލަން ފެށުން"

މުހައްމަދު އިޝާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ގޯތި ލިސްޓް އެކުލަވާލާފައި އޮތީ ބޭއިންސާފުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލާ ހިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ ހައްމަދު ފަޒީލް ރަޝީދަށް ގޯތި ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ފަޒުލްއާއި ފަޒީލު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. މީގެ އިތުރުން ތަހުގީގަށް މަގުފަހިކުރުމުގެ ގޮތުން އެޗްޑީސީގެ 15 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުހައްގުން ގޯތި ބަހައިފައިވާ މައްސަލައާ ގުޅިގެން އެ މަނިކުފާނު ދަންނަވަން ބޭނުންފުޅު ވަނީ މީގެ ކުރިން ވެސް ދެންނެވި ވާހަކަ ކަމަށެވެ.

"ކުރީގައިވެސް ލިސްޓު ހަދާފައި ވަނީ ބޭއިންސާފުން އެތަށް ބަޔަކަށް ގޯތި ލިބޭ ގޮތަށް. މިފަހަރު އަނެއްކާ ވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާލެވުނީ. އެހެންނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާ އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައި" ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޗްޑީސީއަށް އަލަށް އައްޔަންކުރެއްވި މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

ފަޒުލްގެ ބޭބެ، ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އެމްޑަބްލިޔުއެސްސީން ވަނީ ޑީއެމްޑީ، ފަޒީލް ރަޝީދުވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ އަމުރުކުރައްވައިފައެވެ.