ޚަބަރު

ސްޓެލްކޯ އިން 50،000 އަށްވުރެ ގިނަ ގަސް އިންދައިފި

ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި 50،000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

ސްޓެލްކޯ އިން ވަނީ ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ހާއްސަ ހަރަކާތެއް ފަށައިފައެވެ.

ސްޓެލްކޯ އިން ބުނީ، މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެ ކުންފުނީގެ އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުމެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން 30 ރަށަކަށް ހިދުމަތް ދެއެވެ.