ޚަބަރު

"ދަނޑުވެރި ނަފާ" ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަލީ އިހްސާން

ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އައު ލޯން ސްކީމް "ދަނޑުވެރި ނަފާ" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރއިން ބުނީ ""ދަނޑުވެރި ނަފާ" ނަމުގައި ތައާރަފްކޮށްފައިވާ އާ ލޯނަކީ، ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ " ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީއިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ" ގެ ދަށުން ތައާރަފްކޮށްފައިވާ ލޯން ޕޮރްގުރާމެއް ކަމަށެވެ. މިލޯނުގެ މަސައްކަތް ކުރިއަށް ގެންދަނީ، ފިޝަރީޒް މިނިސްޓްރީ އާއި އެސްޑީއެފްސީ ގުޅިގެންނެވެ.

ލޯނުގެ ގޮތުގައި އަމިއްލަ ފަރުދަކަށް ނަމަ ދޫކުރަން ހަމަޖެހިފައިވަނީ، އެންމެ ގިނަވެގެން 500،000 ރުފިޔާއެވެ. ކޯޕަރޭޓިވްސް ނުވަތަ ކުންފުންޏަކަށް ނަމަ އެންމެ ގިނަވެގެން ދޫކުރަން ހަމަޖެހިފައިވަނީ 2،000،000 ރުފިޔާއެވެ. ލޯނުގެ އިންޓަރެސްޓަށް ކަނޑައަޅާފައިވަނީ 6 ޕަސެންޓްއެވެ. އަމިއްލަ ފަރުދުން ނަގާލޯނު އަނބުރާ ދެއްކުމަށް 5 އަހަރު އަދި ކުންފުންޏަކުން ނަމަ 7 އަހަރު ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެފަދަ ލޯން ޕްރޮގްރާމެއް ފެށުމުގެ މަގްސަދަކީ ދަނޑުވެރިކަމަކީ އިގްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާއަތަކަށް ހެދުންކަމަށާއި އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުން ކަމަށެވެ.

އަމިއްލަ ފަރުދުންނަށް 75،000ރ އާއި ދެމިލިއަން ރުފިޔާއާ ދެމެދު ގެ ލޯން މިޕްރޮގްރާމްގެ ދަށުން ދޫކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޖެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯނު ޕްރޮގްރާމާ ގުޅޭ ފޯމާއި އެނޫންވެސް މައުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރ އިން ލިބެން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެސްޑީއެފްސީންނެވެ.