ޚަބަރު

އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި

މުހައްމަދު އިޝާން

1

ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރެއްވުމާ ގުޅިގެން މައްސަލައިގެ ތަހުގީގަށް މަގުފަހިކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 15 މުވައްޒަފަކު ވަކިކޮށްފިއެވެ.

އެޗްޑީސީން "ވަން" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ ވަކިކޮށްފައިވަނީ ޕީޖީގެ އަމުރަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގު އެއްވެސް ހުރަހެއްނެތި ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ. އެ 15 މުވައްޒަފުން ވަކިކޮށްފައިވަނީ މިއަދު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހިމް ފަޒުލް ރަޝީދުއާ ވަރަށް ގާތް މުވައްޒަފުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާ އިރު، އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ގޯތިދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އޭސީސީން ވަނީ ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އިސްތިއުފާ ދެއްވި އިރު ފަޒުލް ހުންނެވީ ސަސްޕެންޝަންގައެވެ.

އެހެންވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު އަދާކުރެއްވި މުހައްމަދު މައުރޫފް ޖަމީލު އައްޔަން ކޮށްފައެވެ.

ފަޒުލްގެ އިތުރުން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ފަހުން ވަނީ، މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް ސަސްޕެންޑްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން ވަނީ ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން، ހައުސިން މިނިސްޓްރީގެ ނުވަ ސިޔާސީ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފަޒުލްގެ އިތުރުން އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި، އެ ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟