ޚަބަރު

ކުރީ ސަރުކާރުން ބަދަލުދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަންގައިފި

މުހައްމަދު އިޝާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި އަމަލު ކޮށްފައިވާ ގޮތްތަކާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާޝް ޝަރީފު އަންގަވައިފިއެވެ.

ކުރީ ސަރުކާރުގައި ބަދަލުގެ ގޮތުގައި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ ތެރެއިން ނުވަ އެއްބަސްވުމަކަށް ވަނީ އެއް ބިިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ. އެ ބަދަލުދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމިޓީން ބެލުމަށްފަހު ވަނީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓުގައި ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާ އާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިއާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެއެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މި އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެއެވެ." ޕީޖީ އޮފީހުން ބުންޏެވެ.

ސެޓްލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ކަންކަމަށް، އެކި ފަރާތްތަކަށް ބަަދަލު ދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލުގެ ކޯ ޗެއާ, ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓް ތަޅުމުން ފާސްކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ރިޕޯޓުގައި އެބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ދައުލަތުގެ އިސް މަގާމެއްގައި ތިބެ ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބުތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމަށް ތުހުމަތުކުރެވޭތީ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ވެސް ބުންޏެވެ.

އޭރު އޮތް ސެޓެލްމެންޓް ކޮމިޓީން 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމެންޓްތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ކޮމެޓީއަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބޭރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައިވޭތޯ ބަލައި ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އެންގުމަށްވެސް އެ ރިޕޯޓުގައިވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީ އުވާލައްވައިފައެވެ. އެ ކޮމިޓީ އުވާލެއްވީ "ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ބަންޑާރަ ނައިބު ރައީސަށް އެރުއްވި ލަފައަށް ރިއާޔަތްކުރައްވައެވެ.

އެ އުސޫލު އުވާލެއްވުމަށްފަހު އެ އުސޫލުގެ ދަށުން ސެޓެލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ރައީސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވައިފައެވެ.

އަދި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނާތީ އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާ ނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ނިންމައި އެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވެއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ އެ މައްސަލަތައް އެ އޮފީހުން ދިރާސާ ކުރި އިރު، އެ އުސޫލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ދައުލަތުގެ ބަންޑާރަ ނައިބުގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައި އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުންތައް ބާތިލުކޮށްފައެވެ.

އުވާލި އެއްބަސްވުންތައް:

  • ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ވ. ފޮއްތެޔޮބޮޑުފުށީގެ ވޯކް ޕްލޭން މިނިސްޓްރީއަށް ހުށަހެޅި ދުވަހުން ފެށިގެން ސެޓެލްމަންޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހާ ހަމައަށް ހިނގާ މުއްދަތު 30 ދުވަހަށް ރައުންޑް އޮފްކޮށް ލީޒް އެގްރިމަންޓަށް އިތުރުކޮށްދީ، ރަށުގެ ލީޒް އެގްރިމަންޓަށް ގެންނަ އިސްލާހެއްގައި ދެ ހަފުތާގެ ތެރޭގައި ސޮއިކުރުން
  • ބަދަލުގެ ގޮތުގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް 26 މިލިއަން ރުފިޔާ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 64 މިލިއަން ރުފިޔާ އަދި އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑަށް 5.1 މިލިއަން ރުފިޔާ ދޭން ނިންމި އެއްބަސްވުން
  • އެގްޒޯޓިކް ޕްރޮޕަޓީސް އިން ހުށަހަޅައިގެން ނ. ރާފުށީގެ ބަދަލުގައި ނ. އެކުޅިވަރު 99 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށުގައި ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުން އަދި ކުރީގެ ލީޒް އެގްރިމަންޓާގުޅޭ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުން
  • ކްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ތ. ވަންބަދި، ކަނި އަދި ފުށި 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދޭން ނިންމުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި އއ. މާފަރު ފަޅު 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަތް އަހަރު ދިނުމަށް އެއްބަސްވުން
  • ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން އއ. މަޑޫގަލި އެ ކުންފުންޏަށް 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށް ތަރައްގީކުރުމުގެ މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުމަށާއި ކުރީގެ ލީޒް އެގްރިމަންޓާ ގުޅިގެން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ވެފައިވާ އެއްބަސްވުން.
  • އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވި 20 މިލިއަން އެމެރިކާ ޑޮލަރުގެ ދިނުމުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ނ. އޮރިމަސްވަރު 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބާކީ ދޭންޖެހޭ ކަމަށް ކަނޑައެޅި 8،447،000 އެމެރިކާ ޑޮލަރު އެ ތިން ރަށުގެ އެޑްވާންސް ކުލީގެ ގޮތުގައި ހަމަޖެއްސުމަށް ނިންމި ނިންމުން
  • ހ. ގިރިތެރޭގެ، އަބްދުﷲ އަލީ ހުށަހަޅައިގެން ހދ. ހޮނޑާފުށި 50 އަހަރަށް ކުއްޔަށް ދޫކުރުމަށް އާ ލީޒް އެގްރިމަންޓުގައި ސޮއިކުރުމާއި އެ ރަށުގެ ކުއްޔާއި ޖޫރިމަނާގެ އަދަދު މައާފުކޮށްދިނުމަށް ނިންމި ނިންމުން
  • ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ހދ. ކުޑަމުރައިދޫ 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުން އަދި ކުރީގެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށް ނިންމި ނިންމުން