ޚަބަރު

ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލެވުނު ކަމަށް ބުނެވުނީ އޮޅަމަކުން: އެމްއެންޑީއެފް

މުހައްމަދު އިޝާން

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލެވުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފަޅުވެރިޔާ ހޯދުން މެދުކަނޑާލި އިރު، އޭނާ ހޯދުމަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އިއްޔެ ފުވައްމުލަކު ސިޓީ ވަށައިގެން ބަލާފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެމްއެންޑީއެފުން މިރޭ ބުނީ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލެވުނު ކަމަށް ކުރިން ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. އަދި އެކަމަށް ވަނީ މާފަށް އެދިފައެވެ.

ފުލުހުން ބުނާ ގޮތުން "ސީމެކްސް" ނަމަކަށް ކިޔާ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމަށްވެސް ފުލުހުން ބުންޏެވެ.