ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ކަމަށެވެ.
އެ ހަތަރު މީހުންގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވަނީ "ބިންވެރިޔާ" ސްކީމުގެ ތެރެއިން އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދީފައިވާ މައްސަލައާ ގުޅިގެން އޭސީސީން އެދިގެން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.