ޚަބަރު

ވީއައިއޭއަށް ބާރުބޮޑުވެ، ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރާވެރިން ފުރާތީ މިއަދު އެއާޕޯޓް މަގުތަކާއި ޓާމިނަލްގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ފުރާ ފަރާތްތަކުން ފުރުމުގެ 3 ގަޑި އިރު ކުރިން އެއާޕޯޓަށް ގޮސް، ސްޓާފުންގެ އިރުޝާދުތަކަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދުން ފެށިގެން މި އަހަރުގެ ދެވަނަ ޓާމުގެ މިޑް ބްރޭކް ފެށިފައިވާއިރު، މި ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެއެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޑިސެމްބަރު މަހުގެ އުމްރާއަށް ފުރާކަން ވަނީ ފާހަގަވެފައެވެ.