ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޮވެމްބަރު 11އާ ހަމައަށް ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވަޑައިގަންނަވާނަން: އިބޫ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ނޮވެމްބަރު 11އާ ހަމައަށް ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިބޫ އެކަން ފާހަގަކުރެއްވީ މިއަދު ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމަށް ވަނީ ނިންމައިފައެވެ.

އިބޫ ވިދާޅުވީ އެ ދުވަހާ ހަމައަށް ރައްޔިތުން އެމަނިކުފާނާ މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމުން ދެމިހުންނަވާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިފައިވާ ފަހުރެއް ކަމަށެވެ.

"އަޅުގަނޑު އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ރައްޔިތުން އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމުގައި ހުންނާނަން. އެއީ އަޅުގަނޑަށް ލިބިފައިވާ ފަހުރެއް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ނޮވެމްބަރު 11އާ ހަމައަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވައި، ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް ވޯޓުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ނޮވެމްބަރު 11 ވަނަ ދުވަހާ ޖެހެންދެން އަޅުގަނޑު ހުންނާނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އެ ދުވަހާ ހިސާބަށް މަޖިލީހުގައި ބޭއްވޭ ޖަލްސާތަކުގައި ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އަޅުގަނޑު ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް ވޯޓުގައި ވެސް ބައިވެރިވާނަން،" އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.