ޚަބަރު

އެމްއޭސީއެލް މެރިޓް އެވޯޑު، ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު، ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް މިއަދު ދީފިއެވެ.

އެމްއޭސީއެލް މެރިޓް އެވޯޑަކީ އެ ކުންފުނީގެ ސީއެސްއާރު، އެމްއޭސީއެލް ކެއާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. އެ އެވޯޑާއެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދެއެވެ.

އޭގެ އިތުރުން އެ އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެ ކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެކަމަށްޓަކައި މިއަދު ސީއެޗްއެސްއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ސްކޫލުގެ އިސްވެރިންގެ އިތުރުން ގްރޭޑް 11 ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ. އެ ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މިއަހަރު އެވޯޑު ހާސިލުކުރި ހަތަރު ދަރިވަރުންނަކީ:

  • އަލީ މާއިސް މުފީދު
  • ނިޝްޔާ ވަހީދު
  • އަހްމަދު ރާއިފް ނަސީމް
  • ޔަޝާ ޝަފީ ޝަފީގް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލް އަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެމްއޭސީއެލްގެ ހުރިހާ ޓެކްނިކަލް ދާއިރާތަކެއްގައިވެސް މަސައްކަތްކުރަނީ ދިވެހިންކަން ފާހަގަކުރައްވައި، ސްކޫލު ނިންމާ ދަރިވަރުން އެ ކުންފުންޏާ ގުޅުމަށް ވެސް ޝަރީފް ދައުވަތު އެރުވިއެވެ.

އަދި ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ހާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މުސްތަގުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ސީއީއޯ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ހައްގު ވަނީ، އެމްއޭސީއެލުން މިފަދަ ފުރުސަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަށްޓަކައި، ކުންފުނީގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. އޭގެ އިތުރުން، ޒުހުދުލް ވިދާޅުވީ ސީއެޗްއެސްއީ އަކީ ކިޔެވުމުގައި ވާދަވެރި ދަރިވަރުން ތިބި ސްކޫލެއް ކަމަށާއި މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.

އެމްއޭސީއެލުން ބުނީ، އެމްއޭސީއެލް ކެއާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހިންގުންތެރި މީހުން އުފެއްދުމަށް ވެވޭ އެހީއެއް ކަމަށެވެ.

މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމްއޭސީއެލުން ދަނީ ފައިސާގެ އިނާމުވެސް ދެމުންނެވެ. އެމްއޭސީއެލް ކެއާގެ ދަށުން ރާއްޖޭގެ އެކި ސްކޫލުތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދެމުން ގެންދެއެވެ.