ޚަބަރު

ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލު ބަލައިފި، ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެނޭ!

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއެއް ގެއްލުމާ ގުޅިގެން، އޭނާ ހޯދުމަށް ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށާއި އަދިވެސް ގެއްލުނު މީހާ ފެނިފައި ނުވާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަންގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަންގައި ބަލައިފައިވޭ،" އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އައްޑޫ ސިޓީން ރޭ 11:30 ހާއިރު ފުރި އިރު، ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށާއި ރޭ 1:05 ހާއިރު، ކެޕްޓަންއާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެންއެންޑީއެފުން ކުރަމުން އަންނަ އިރު، އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.