އިބްރާހިމް ޒަކީ
ސައިބާ ކްރައިމްގެ އަމަލުތަކަކީ ކުށްކަމަށް ކަނޑައެޅުމަށް "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" އަށް އިސްލާހު ގެނުމުގެ ބިލާއި އެފަދަ ކުށްތަކާބެހޭ މައުލޫމާތާއި ހެއްކާ ބެހޭގޮތުން އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތަށް، "ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ދެ ބިލަކީ، މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
މި ބިލުގައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި ކުށްތައް ހިމަނައި، ގާނޫނުލް އުގޫބާތަށް ބާބެއް އިތުރު ކުރުމަށް ހުށަހަޅައިފައެވެ.
މި ގާނޫނުގެ 240 ވަނަ ބާބުގެ ގޮތުގައި ހުށަހަޅާފައިވާ މި ބިލުގައި ވަނީ ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުން ހުރި ކުށްތައް ބަޔާންކޮށްފައެވެ.
މި ބިލުގައި، ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓް ކުރުމާއި އިންޓަފިއާ ކުރުމާއި ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުން ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ސައިބާ ވަޔަލަންސްގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި، އޮޅުވައިލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމަކީ ވެސް ކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައިވާގޮތުން އެކްސެސްވުމުގެ ހުއްދަ ލިބިފައި ނެތް ހާލަތުގައި، ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި، ކޮމްޕިއުޓަރު ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންކްޝަނެއް ހިންގުމަށް ވަގުތީގޮތުން ނުވަތަ އެނޫން ގޮތަކުން ވިޔަސް މެދުވެރިކުރުވުމަކީ ކުށެކެވެ.
ނަަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހުއްދަ ނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ސައިބާ ވަޔަލަންސްގެ އަމަލުތަކުގެ ގޮތުގައި މި ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއުކުރުމާއި ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ޝާއިއުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމާއި ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން ވަނީ ބިލުގައި ކަނޑައަޅައިފައެވެ.
ސައިބާ ކްރައިމާ ގުޅުން ހުރި ކުށްތަކާބެހޭ މައުލޫމާތާއި ހެއްކާ ބެހޭގޮތުން އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތް ހެދުމަށްޓަކައި އިސްލާހު ހުށަަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށެވެ.
ބިލުގައި ބުނެފައިވަނީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ ސައިބާ ސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުން ދިއުމާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، އެފަދަ ސައިބަ ކްރައިމް އާއި އެނޫން ވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެނިހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުން ކަމަށެވެ.
ޖިނާއީ މައްސަަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުރާ ކުށަކާ ގުޅިގެން ނުވަތަ ކޮމްޕިއުޓަރާ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ އެނޫންވެސުް ކުށަކާ ގުޅިގެން ރާއްޖޭގައި ހިންގާ ޖިނާއީ ޝަރީއަތްތަަކުގެ ބޭނުމަށް ނުވަތަ އެފަދަ ކުށްތަކާ ގުޅޭ ތަހުގީގުގެ ބޭނުމަށް ބޭރު ގައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ނުވަތަ 24/7 ނެޓްވޯކަކާއެކު ނުވަތަ ބައިނަލްއަގުވާމީ އެޖެންސީއަކާއެކު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މަސައްކަތް ކުރެވިދާނެ ކަމަށާއި، އެކަންކަން ހިއްސާ ކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އެގޮތަށް މައުލޫމާތު ހިއްސާކޮށް ތަހުގީގުތަކުގައި ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭނެ ކަންތައްތަކެއް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.