ޚަބަރު

ޖަޕާނުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ބޭނުންކުރާ ޒަމާނީ ތަކެތި ހަދިޔާކޮށްފި

ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ ތަކެތި ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށި އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެ ތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތަކެއުޗީ މިދޯރީއެވެ. އެމްއެންޑީއެފްގެ ފަރާތުން އެތަކެއްޗާ ހަވާލުވެލެއްވީ، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

ޖަޕާނުން އެމްއެންޑީއެފަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި މެރިޓައިމް ކޮމިޔުނިކޭޝަން ސިސްޓަމްތަކާއި ޕްރޮފެޝަނަލް ޑައިވް ގިއަރުތަކާއި ޗާޒް އެންޑް ރެސްކިއު އިކިއުޕްމަންޓުގެ އިތުރުން ސަޕޯޓިން އަދި ސްޓޯރޭޖު ޓޫލްސް ހިމެނެއެވެ.

އެތަކެތި، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވަނީ 22 ނޮވެމްބަރު 2022 ގައި ރާއްޖެ އާއި ޖަޕާނު ސަރުކާރާ ދެމެދު ވެފައިވާ 7.6 މިލިއަން ޑޮލަރުގެ އެކްސްޗޭންޖު ނޯޓުގެ ތެރެއިންނެވެ.

ޖަޕާނު އެމްބަސީން ބުނީ، އެމްއެންޑީއެފަށް ހަދިޔާ ކުރި ތަކެތީގެ ސަބަބުން ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި ގާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.