ޚަބަރު

އައްޑޫއިން މާލެއަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއެއް ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ އިން ރޭ 11:30 އެހާކަންހާ އިރު ފުރި އިރު، ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށާއި ރޭ 1:05 ހާއިރު، ކެޕްޓަންއާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެންއެންޑީއެފުން ކުރަމުން އަންނަ އިރު، އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.