މިމަހު 28 ގައި ފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ގަދަވެފައި ވަނިކޮށް، މަޖިލިސް ރާއީސަކު ހޮވުމަށް ބާއްވާ ވޯޓުގައި، މަޖިލިސް ރައީސްކަމަށް އިންތިހާބު ކުރުމަށް ވޯޓު ދެއްވާނީ، މަޖިލިސް ރައީސްކަމަށް ގެންނަން ރައީސް ނަޝީދު ތާއީދު ކުރައްވާ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ގައި މިރޭ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، މަޖިލިސް ރައީސް ހޮވުމުގައި ވޯޓު ދެއްވާނީ އެންމެ ފުރަތަމަވެސް ނިންމަވާފައިވާ ގޮތަށް އަސްލަމަށް ކަމަށެވެ.
އިންތި މިހެން ވިދާޅުވިއިރު، މަޖިލިސް ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި އެމްޑީޕީ މެންބަރުންގެ ތެރެއިން، އަސްލަމަށް ތާއީދު ކުރައްވާކަން، ރައީސް ނަޝީދު ހާމަ ކުރައްވާފައި ވުމާއި، ވިލުފުށީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ހަސަން އަފީފަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވުމާ ގުޅިގެން އެ ދެބޭފުޅުންގެ މެދުގައިވަނީ ވާދަވެރިކަން ބޮޑުވެފައެވެ.
ހާއްސަކޮށް ސޯޝަލް މީޑިޔާގައި އެ ވާދަވެރިކަން ވަރަށް ބޮޑަށް ވަނީ ގަދަފައެވެ.
އިންތި ވިދާޅުވީ އެ މައްސަލަ ސޯޝަލް މީޑީއާގައި އެހާ ވާދަވެރިކަން ބޮޑުވެފައިވަނީ މިވަގުތު ގައުމުގައި ބޮޑު އިންތިހާބެއް ނެތުމާއި ވާދަވެރި ކަންތައްތަކެއް ނެތުމުގެ އިތުރުން އެ މައްސަލައަކީ، އެމްޑީޕީގެ އެތެރޭގެ ކަމަކަށް ވާތީ ކަމަށެވެ.
އިންތި ވިދާޅުވީ، މަޖިލިސް ރައީސްކަމަށް އެންމެ ފުރަތަމަ ރައީސް ނަޝީދު އަސްލަމަށް ތާއީދު ކުރެއްވުމުން، ލީޑަރަކު ހާމަކަން ބޮޑުކޮށް ވަކި ބޭފުޅަކަށް ތާއީދު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވާހަކަ ދެކެވުނު ކަމަށެވެ.
ނަމަވެސް ފަހުން އަފީފަށް ރައީސުލްޖުމްހޫރިެއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވުމުން އެކަން ހަމަޖެހުނުކަމަށެވެ.
އަދި އޭރުވެސް އިންތި ގަބޫލު ކުރެއްވީ ލީޑަރު ނަމަވެސް ތާއީދު ކުރައްވާ ބޭފުޅަކު ހުންނަން ޖެހޭނެ ކަމަށާއި އެބޭފުޅަކަށް އެހެން ވިދާޅުވެވެން ވާނެ ކަމަށް ކަމުގައިވެސް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ވޯޓު ލުމުގައި އެމްޑީޕީގެ މެންބަރުންނަށް އޮތީ ޗޮއިސްއެއް ކަމަށާއި އެ މެންބަރަކު ބޭނުންވާ ކޮންމެ ބޭފުޅަކަށް ވޯޓު ދިނުމުގެ މިނިވަންކަން މެންބަރުންނަށް އެބައޮތް ކަމަށެވެ.
އަދި ވަކި ބޭފުޅަކަށް ވޯޓު ނުދީފިނަމަ ވަކި ގޮތަކަށް ކަންތައްކުރަން ނެތްކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މަޖިލިސް ރައީސްކަމަށް ބޭފުޅަކު އިހުތިޔާރު ކުރުމުގެ ކަންތައް ޕާޓީތެރެއިން ކުރިއަށްދާ ކަމަށާއި، ކޮންމެ ބޭފުޅަކު އިހުތިޔާރު ކުރެވުނަސް ޕާޓީ އާއި މެންބަރުން ތިބޭނީ އެބޭފުޅެއްގެ ފަހަތުގައި ކަމަށެވެ.
އަސްލަމް އާއި އަފީފުގެ އިތުރުން މަޖިލިސް ރައީސްކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއެވެ.